ބަހްރައިން އަށް ރަސްމީ ދަތުރެއްގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޝާހިދުގެ މި ދަތުރުގައި އިއްޔެ ވަނީ ބަހްރައިންގެ ހާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާ ބައްދަލުކުރައްވާ، އެކި ދާއިރާތަކުން އދ އާއި ބަހްރައިންއާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މަނާމާގައި ގާއިމްވެފައިވާ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ، ބަހްރައިންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓާ މުހައްމަދު ޒަރްގާނީ އާއެކު މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ބަހްރައިންގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޯ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުޙައްމަދު ބިން މުބާރާކް ބިން ދާއިނާ އާ ވެސް ޝާހިދު ބައްދަލުކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ބުނެއެވެ.