މަސްރަހު އިންތިހާއަށް ނުތަނަވަސް ވަމުން އަންނަ ޔޫކްރައިންގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއިލާތަކުން، ޔޫކްރައިން ދޫކޮށް އެ ގައުމުން ފޭބުމަށް، އެމެރިކާއިން އަންގާ، އަމުރު ކޮށްފިއެވެ.

މީގެ އިތުރުން، އެމެރިކާގެ ހާރިޖިއްޔާއިން ވަނީ އެމްބަސީގައި ކޮންމެހެން މަޑު ކުރަން ޖެހޭ މުވައްޒަފުން ފިޔަވާ އެހެން ހުރިހާ މުވައްޒަފުންނާ، ޔޫކްރައިންގައި ދިރިއުޅެމުން އަންނަ އެމެރިކާގެ އެހެންވެސް ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމާ މެދު ވިސްނުމަށް ހުއްދައާއި އިރުޝާދު ދީފައެވެ.

މި ދަނޑިވަޅަކީ، ޔޫކްރައިންއަށް އަމާޒު ކޮށް، ރަޝިޔާއިން ވަރުގަދަ އަސްކަރީ ފިޔަވަޅެއް އަޅަން ރާވަމުން އަންނަ ދަނޑިވަޅެއް ކަމަށް ހަބަރު ލިބެއެވެ. އަދި މި ދުވަސްވަރަކީ ޔޫކްރައިންއާއި ރަޝިއާގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވަމުން އަންނަ ދުވަސްވަރެއް ކަމުން، ޔޫކްރައިންއާއި ރަޝިއާ ދަތުރު ކުރުމާ ދެކޮޅަށްވެސް އެމެރިކާގެ ހާރިޖިއްޔާއިން ވަނީ އިންޒާރު ކޮށްފައެވެ.

އެމްބަސީ ހުންނާނީ ހުޅުވާފައި ކަމަށާ، ނަމަވެސް އަސްކަރީ ހަމަލާތައް ފެށިދާނެ ކަމުގެ އިންޒާރު، ވައިޓްހައުސްއިން ތަކުރާރު ކޮށް ދެމުން އަންނަ ކަމަށް އެމެރިކާގެ ހާރިޖިއްޔާއިން ބުނެއެވެ. އަދި އެފަދަ ހާލެއްގައި އެމްބަސީއިން މީހުން ހުސްކޮށް، ރައްކާތެރި ހިސާބުތަކަށް މީހުން އިވަކުއޭޓް ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމެރިކާގެ ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.

ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދަށް، ރަޝިއާގެ ލައްކައެއްހާ އަސްކަރީ ސިފައިން ޖަމާވެފައި ވާ އިރު، ކުރިމަތިލުމެއްގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރު، ނޭޓޯ ގެ އަސްކަރީ ދިފާއީ އިއްތިހާދުގެ އިސްވެރިޔާވެސް ވަނީ ދެއްވާފައެވެ.