އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާގެ ފައިދާާއެކު މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

2021 ވަނަ އަހަރުގެ މާލީ ނަތީޖާ މިއަދު އެކުންފުނިން އާންމުކޮށްފައިވާއިރު އެމްޓީސީސީގެ 2021 ވަނަ އަހަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. 2020 ވަނަ އަހަރު ސާފު ފައިސާގެ ގޮތުގައި ލިބިފައިވަނީ 224.72 މިލިއަން ރުފިޔާ އެވެ.

މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، ހަތަރުވަނަ ކުއާޓާރުގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ: 408.76 މިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާ: 98.77 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފައެވެ.

ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 1.36 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނުފައިދާ ވަނީ 264.45 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 220.75 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކޮށްފައެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާގައި ރިކޯޑް ކޮށްފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާއާއި އަޅާ ބަލާއިރު ދަށް ނަމަވެސް މުޅި 2021 ވަނަ އަހަރުގެ ޖުމްލަ ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހްގައި މާލީ އަހަރެއްގައި ރެކޯޑްކޮށްފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި އަހަރުކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން އަތޮޅުތެރޭގައި ކުރާ ބައެއް މަސައްކަތް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ބައްލަވާލައްވާ އިރު އަރިހުގައި އާޒިމް / ފޮޓޯ: އެމްޓީސީސީ

2021 ވަނައަހަރުގެ ކުންފުނިން ހާސިލްލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ހަތަރުވަނަ ކުއާޓާގައި ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައެވެ.

މިގޮތުން އެކި މަރުހަލާގައި ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިކުއާޓާގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތް ކަމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ 8 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓާގައި ފަށާފައިވާ ކަމަށާއި 18 މަޝްރޫއެއްގެ މަސައްކަތް ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް މިކުއާޓާ ތެރޭގައި ހިންގާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައް ވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް ކުންފުނިން އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންދާ ކަމަށެވެ.