ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވުމުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ކުރައްވައިފިއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓި ވެފައި ވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އަވަސް ޝީފާއަކަށް އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ޓްވީޓަށް ރިޕްލައި ކުރައްވަމުން ރައީސް ވިދާޅުވީ ކޮށްދެއްވި ހެޔޮ ދުއާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރެއްވީ އިއްޔެއެވެ. ރައީސް ވިދާޅުވީ، އެކަން އެނގިވަޑައިގަތީ، މިމަހު 21 ވަނަ ދުވަހުގެ ރޭ ހެއްދެވި ޕީސީއާރު ޓެސްޓުން ކަމަށެވެ.

ރައީސް ސޯލިހަށް ކޮވިޑް ޖެހިފާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް މިއަދު ފޯކައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފާ ވަނިކޮށެވެ.

ރައީސް ސޯލިހު ޕޮޒިޓިވް ވި އިރު އުމުރުފުޅުން 77 އަހަރުގެ ރައީސް ސޯލިހުގެ މަންމާފުޅު މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ ވަނީ ފަރުވާ ހޯއްދަވާފައެވެ. އަދި ރައީސްްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަށް ވެސް ކޮވިޑް ޖެހިވަޑައިގެން މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ ފަރުވާ ހޯއްދަވާފައެވެ. ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ކޮވިޑް ޖެހުނެވެ.

ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އޭރު ޕޮޒިޓިވް ވި ނަމަވެސް ރައީސް އާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް އޭރު ޕޮޒިޓިވް އެއް ނުވެއެވެ.