ޒިކުރާ މިސްކިތުގެ މައްސަލަ ހައްލަުކޮށް، އެސްޖޭއިން ހުޅުމާލޭގައި މިސްކިތެއް އަޅަން ސެޓްލްމަންޓް އެގްރިމެންޓުގައި މިއަދު ސޮއިކޮށްފިއެވެ.

މި ސެޓްލްމަންޓް އެގްރިމެންޓުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމު ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓްރީން ބުނީ، މަސްޖިދުއް ޒިކްރާ ހިމެނޭ ބިމުގައި 10 ބުރީގެ އިމާރާތެއް ކުރުމަށް ޖުލައި 9، 2018 ގައި މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް މަސައްކަތް ނުފެށުމުން މި ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްތްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިނިސްޓްރީން ދައްކާފައިވާ 30 މިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ.

މިގޮތުން އެސްޖޭ ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެން، މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި، 30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ހުށަހެޅުމާ ގުޅިގެން މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރި މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާ ކަމަށެވެ.