ބެއިޖިންގައި ފެށުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސްގެ 7 ދުވަސް ކުރިން އެކި ކަންކޮޅުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލުމަށް އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖެގޭ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ.

ޝާޙިދު މިހެން ވިދާޅުވީ އަންނަ މަހުގެ 4 ވަނަ ދުވަހު ބެއިންޖިންގައި ފެށުމަށް ހަމަޖެހިފައިވާ ވިންޓާ އޮލިމްޕިކްސް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި އަންނަ މަހުގެ 20 ގެ ނިޔަލަށެވެ.

އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން، ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކާ ދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހަ އާއި އަމާންކަމުގެ ސަގާފަތެއް ކުރި އެރުވުމަށާއި، އަދި އެ ސަގާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ގަރާރު 13/76 ގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއި އެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އޮލިމްޕިކް ޓްރޫސްގައި ވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ސުލްހަވެރި ކަމާއެކު މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.

"ކުޅިވަރާއި އޮލިމްޕިކްގެ ޒަރީއާއިން ސުލްހައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރި އެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުންގެ ލީޑާޝިޕުން ކުރާ މަސައްކަތަށް މަރުހަބާ ކިޔަން. އަދި، ސުލްހައާއި ހަމަނުޖެހުން ހައްލު ކުރުމަށާއި، ކުޅިވަރުގެ ޒަރީއާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އދގެ އެކި ގައުމުތަކުން ދެއްވާ އަހަންމިއްޔަތަށް ވެސް އަޅުގަނޑު މަރުޙަބާ ކިޔަން." މިނިސްޓަރު އަބްދުﷲ ޝާހިދު

އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ އޮލިމްޕިކް ގޭމްސްއާއި ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތައާރަފު ކުރެވުނު އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. 1992 ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރު ހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައި ވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ގާއިމު ކުރުމަށް ގޮވާލަން ނިންމިއެވެ. މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމަ އަދި ހަމަނުޖެހުންތަކުން ބަރީއަވެ ތިބުމަށެވެ.

މިގޮތުން އޮލިމްޕިކް ގޭމްސް ފެށުމަށް 7 ދުވަހަށް ވުމުން، އަދި ކުޅިވަރުތައް ނިމިގެން 7 ދުވަސް ވަންދެން އެއްވެސް ހަނގުރާމައެއް ނުކުރުމަށް އދގެ ގަރާރަކުން 1993 ގައި ފާސްވިއެވެ.

2005 ވަނަ އަހަރުގެ ވޯލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރިއްޔާ އިން ހަމަޖެހުމާއި ތަރައްގީ ގެނެވޭނެ ކަމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ފާހަގަކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާ ގުޅޭ އިތުރު މަސައްކަތް ކުރުމަށް ވެސް ނިންމިއެވެ. އެގޮތުން ނޮވެމްބަރު 3، 2005 ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ގަރާރެއް ފާސްކުރެވުނެވެ. އަދި ކޮންމެ ދެ އަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ގަރާރު އާ ކުރުމަށް ހަމަޖެހުނެވެ.

ކުޅިވަރަކީ ދެމެހެއްޓެނެވި ތަރައްގީއަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް، ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ 2030 އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމާންކަމާއި ތަރައްގީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަ ކުރަމުން ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރި އެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްހަތާއި ތައުލީމަށް، އަދި އިޖްތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން 2 ޑިސެމްބަރ 2021 ގައި އދ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ މެންބަރު ހުރިހާ ގައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިފަހަރު ބެއިޖީންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށެން 7 ދުވަހުގެ ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެންބަރު ގައުމުތަކުން ގަރާރު ފާސްކޮށްފައެވެ.

އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރު ކޮށްދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރު ކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އަމާން ދުނިޔެއެއް ގާއިމު ކުރުމަށް އެހީ ވެދެއެވެ. މިފަދަ ކަންކަމަކީ އދ. އުފެދުމުގެ މަގްސަދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ.

އދ އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ އޮލިމްޕިކް ސްޓޭޑިއަމް އާއި އޮލިމްޕިކް ވިލެޖްތަކުގައި އދގެ ދިދަ ވިހުރުވާލަން ނިންމާފަ އެވެ. އދގެ ނިޒާމާއި، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އިންސާނީ ތަރައްގީއާއި، ފަގީރުކަން ނައްތާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާ ކުރިއެރުވުމާއި، އެޗްއައިވީ އަދި އެއިޑްސް ބަލިން ރައްކާތެރިވުމާއި، ޗައިލްޑް އެންޑް ޔޫތު އެޑިއުކޭޝަނާއި، ޖެންޑާ އީކުއަލިޓީއާއި، ސުލްހަ ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި، އެއްބާރުލުން އިތުރު ކުރުމަށް ވަނީ ނިއްމާފައެވެ.