ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ރަޝިއާއިން ތަރައްގީ ކުރި ސްޕަޓްނިކް 5 ވެކްސިންގައި، ފައިޒާ ވެކްސިންއާ އަޅާ ބަލާއިރު، އޮމިކްރޯން އެންބޮޑީޒް އެކުލެވޭ މިންވަރު މަތި ކަމަށް، ދާދި ފަހުން ކުރި އިބްތިދާއީ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ ރަޝިއާއާއި އިޓަލީވިލާތުގެ ސައެންސްވެރިންތަކެއް ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ދިރާސާގައި ބައިވެރިކޮށްފައި ވަނީ ސްޕަޓްނިކް 5 ޖަހާފައި ވާ 51 މީހަކާ، ފައިޒާގެ 2 ޑޯޒް ޖަހާފައި ވާ 17 މީހެކެވެ.

"ކޮންމެހެންވެސް" ބޫސްޓާ ޑޯޒްއެއް ޖަހަން ޖެހޭ ކަމަށް މި ދިރާސާ ބުނެއެވެ.

މި ދިރާސާއަށް ސާމްޕަލް ނަގާފައި ވަނީ ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖަހިތާ 3 މަހާއި 6 މަހާ ދެމެދު މުއްދަތުގެ ތެރޭގައެވެ. އެގޮތުން، ސްޕަޓްނިކް 5 ގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަކީ، ފައިޒާ ވެކްސިން ޖެހި މީހުންނާ އަޅާ ބަލާއިރު، އޮމިކްރޯންއާ ދެކޮޅަށް ދިފާއު ވަރުގަދަ ބައެއްކަން ވަނީ ދައްކާފައެވެ.

މި ދިރާސާއަކީ އަދި ޕިއާ ރިވިއު ސެޓިފިކޭޝަންވެސް ލިބިފައި ނުވާ ދިރާސާއެއްކަން ފާހަގަ ކުރަންޖެހެއެވެ.

މި ދަނޑިވަޅަކީ އޮމިކްރޯން ވޭރިއަންޓްގެ ބިޔަ ރާޅު، ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދާލާ، ގައުމުތަކުގެ ސިއްހީ ނިޒާމަށް ބާރު ބޮޑު ކުރަމުން އަންނަ ދަނޑިވަޅެކެވެ. އޮމިކްރޯން ވޭރިއަންޓަކީ، އާދައިގެ ވޭރިއަންޓެއް ކަމަށް ތަސްވީރު ކުރަމުން ދާ ދިއުމާ ދެކޮޅަށް، ދުނިޔޭގެ ސިއްހައްތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިންޒާރުވެސް ކޮށްފައެވެ.