އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޑްރާފްޓް ޔައުމިއްޔާ އަށް ހިޔާލު ހުށަހެޅުމަށް އެދިއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މިދިޔަ އަހަރު ވާޗުއަލްކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ޑްރާފްޓް މިނިޓްސް (ޔައުމިއްޔާ) އާންމު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭޖީއެމްގެ ޑްރާފްޓް މިނިޓްސް އަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާ ހިއްސާދާރުން، އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އުރީދޫ ހެޑް އޮފީހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ހެޑް އޮފީހަށް ކޮމެންޓް ފޮނުވުމަށް އުރީދޫން ބުނެއެވެ.

އޭޖީއެމްގެ ޑްރާފްޓް މިނިޓްސް އެ ކުންފުނީގެ ވެބްސައިޓުގެ މި ލިންކުން ބަލާލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މިދިޔަ އަހަރު އުރީދޫ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ހައިސިއްޔަތުން 36 މީހަކު ބައިވެރި ވި އިރު ޕްރޮކްސީ ހޯލްޑަރުން ގޮތުގައި 8 މީހަކު ބައިވެރިވިއެވެ. މި ހިއްސާދާރުން ތަމްސީލް ކުރީ 134،138،633 ހިއްސާއެވެ. އެގޮތުން 90.77 ހިއްސާ ތަމްސީލް ކުރާ ހިއްސާދާރުން މި ޖަލްސާއަށް ހާޒިރުވެފައި ވެއެވެ.

އެ ޖަލްސާގައި އުރީދޫ މޯލްޑިވްސް އިން ހިއްސާއަށް ޖެހޭ އަގު ފާސްކުރި އިރު 2020 ވަނަ އަހަރުގެ ޔައުމިއްޔާ ފާސްކޮށް، މާލީ ހިސާބުތަކާއި އޯޑިޓަރުންގެ ރިޕޯޓު ފާސްކޮށް، އޭގެ އިތުރުން 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސް ކޮށް 2021ގެ އޯޑިޓަރުން އައްޔަން ކޮށް ވަނީ އުޖޫރަ ކަނޑައަޅާފައެވެ.