އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި ހަލީމަތު ލަމްހާ އަބްދުއްރަހުމާން ވަނީ ހަށިގަނޑަށް އިންޖެކްޝަން ޖަހާނެ ގޮތް، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަށް ކިޔައިދީފައި ކަމަށާއި، މާވިން މަނީ މީހަކު ހޭނައްތާލާނެ ގޮތް އިންޓަނެޓުން ބަލާފައި ކަމަށް ދައުލަތުން ބުނެފިއެވެ.

މޭރީގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައި ވާއިރު، ލަމްހާ އާއި މާވިންގެ ބައި ގެންދިޔައީ ވަކިންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ އިތުރުން، މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ ބަންދުގެ މުއްދަތަށް ވަނީ އިތުރު 30 ދުވަސް ދީފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ، މޭރީ މަރާލަން ރާވައި، އެކަން މާވިނަށް މަގުފަހިކޮށްދިނީ ލަމްހާ ކަމަށެވެ. އެގޮތުން ހާދިސާ ހިނގި ވަގުތު މާވިނާއި މޭރީގެ ދަރިފުޅު ހުރީ ލަމްހާގެ ގާތުގައި ކަމަށާއި، އޭގެ ފަހުން އެ ގެއަށް ގޮސް 20 މިނެޓު ފަހުން އޭނާ ދިޔަ ކަމަށެވެ.

އަދި އެކަމާ ގުޅޭ ސީސީޓީވީ ފުޓޭޖާއި މޯބައިލް ފޮރެންސިކް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅަން ދައުލަތުން ވަނީ ނިންމާފައެވެ.

ހަމަ އެއާއެކު، ލަމްހާ އާއި މާވިނާ ދެމެދު ދެކެވުނު ވާހަކަތަކަށް ބަލާއިރު، އިންޖެކްޝަން ޖަހާ ވާހަކަތަކެއް ދައްކާފައި ހުރިކަން އެނގެން އެބަ ހުރި ކަމަށާއި އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނު މާވިންގެ ފޯނުން މީހެއްގެ ކަރުގައި ހިފައި، ނޭވާ ހާސްކޮށްލައިގެން މަރާލާނެ ގޮތުގެ ފޮޓޯތަކެއް ބަލާފައިވާ ކަން އެނގެން އެބަ ހުރި ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެއަށްފަހު، ލަމްހާގެ ފަރާތުން ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، އެ މައްސަލާގައި ދައުލަތުން ހެކިތައް ހުށަހަޅާފައި ވަނީ މޭރީ ދަންޖެހިގެން މަރުވިކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ލަމްހާ އާ ގުޅުވައިނުލެވޭނެ ކަމަށާއި، ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ މޭރީއަށް ލަމްހާ އިންޒާރުދިން ކަމާއި، މޭރީ މަރާލަން މާވިނަށް މަގުފަހިކޮށްދިނުން ކަން ނަމަވެސް، އެކަން ސާބިތުކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ލަމްހާގެ ބައިގައި އިތުރު ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، އޭނާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއަށްފަހު އޭނާގެ ބަންދު އަލުން މުރާޖައާ ކުރައްވާނެ ކަމަށް އެ މައްސަލަ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވިއެވެ.

ލަމްހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ:

  • އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ

ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.