ރާއްޖޭގައި ޗާޕްކުރާ ފޮތްތަކުގައި ހުންނަ ޤުރްއާނުގެ އާޔަތްތަކުގެ ކުށް ހުރިތޯ ބެލުމަށް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގެ ޗެއާ އަކަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ހަމަޖައްސައިފިއެވެ.

އެ ކޮމިޓީ އެކުލަވާލެއްވުމަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ، އެ ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ.

ޗާޕްކުރާ ފޮތްތަކުގައި ހުންނަ އާޔަތްތަކުގެ ކުށް ހުރިތޯ ބަލާ ކޮމިޓީގެ މެންބަރުން:

  • އަލްހާފިޒް ޑރ. މުހައްމަދު ޢިޔާޒް އަބްދުއްލަތީފް - ކޮމެޓީގެ ޗެއާ
  • އައްޝައިހް އަލްހާފިޒް މުހައްމަދު ލަތީފް - ވައިސް ޗެއާ
  • އައްޝައިހް ނަސްރުﷲ އަލީ
  • އައްޝައިހް އަލްހާފިޒް އިބްރާހީމް ރަޝީދު ހަސަން
  • އައްޝައިހް އަލްޙާފިޒް އަހުމަދު ޝަފީގް
  • އައްޝައިހް އަލްޙާފިޒް އަލީ ނަޖީބް
  • އަލްޙާފިޒް އަބްދުﷲ މަސްއޫދު

އިސްލާމިކް މިނިސްޓްރީން ބުނީ، މި ކޮމެޓީ އުފައްދާފައިވަނީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕު ކުރެވޭ ފޮތްތަކުގައި ލިޔެފައި ހުންނަ ޤުރްއާންގެ އާޔަތްތަކުގައި ކުށް ހުރުމާ ގުޅިގެން އެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކަމަށެވެ.

ޗާޕުކުރާ ފޮތްތަކުގައި ހުންނަ އާޔަތްތަކުގެ ކުށް ހުރިތޯ ބެލުމަށް މިއަދު ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މިދިޔަ އަހަރު ދަރިވަރުންނަށް ދިން އިސްލާމާއި ޤުރްއާން ފޮތްތަކުގައި ހުރި އާޔަތްތަކުގެ ކުށް ހުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޤުރްއާނުގެ އާޔަތްތައް އެ ފޮތްތަކުން އުނިކުރަން އުނިކުރަން ނިންމާފައެވެ. ނަމަވެސް އެ ނިންމުން ފަހުން އަނބުރާ ގެންގޮސްފައިވެއެވެ.