އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދުގެ މުއްދަތަށް އިތުރު 30 ދުވަސް ދީފިއެވެ.

މިއަދުގެ އަޑުއެހުމުގައި މާވިންގެ ފަރާތުން ގާނޫނީ ވަކީލު ހާޒިރުވެފައި ނުވާއިރު އެ ވަކީލަށް ކޯޓުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވިއެވެ.

އެހެން ކަމުން ވަކީލަކު ހަމަޖައްސަން މާވިންއަށް 10 ދުވަހުގެ މުއްދަތެއް މިއަދު ދިނެވެ.

ޝަރީއަތް ނިމެންދެން މާވިން ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް، ގާޒީ ފާއިޒު ވިދާޅުވީ މާވިން ވަކީލަކު އައްޔަންކުރަން ބޭނުން ކަމަށް ބުނެފައި ވާތީ އެކަމަށް ގޮތް ކަނޑައަޅާނީ ވަކީލަކާ އެކު ކަމަށެވެ. ނަމަވެސް ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން މާވިންގެ ބަންދު ދަމަހައްޓަން ފެންނަ ކަމަށާއި އެހެންކަމުން 30 ދުވަހަށް މާވިން ބަންދު ކުރަން އަމުރުކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.

މާވިން އާއި ލަމްހާގެ ޝަރީއަތް ހިންގަނީ ވަކިވަކިންނެވެ. މިގޮތުން ފުރަތަމަ މާވިންގެ ޝަރީއަތް ކުރިއަށް ގެންދިޔައީއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭ ކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މާވިން އަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.