ކުޑަކޮށް ތަރައްގީ ވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބާރުދީ، އިގްތިސާދު އަލުން ބިނާކުރުމަށް އެހީވެދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ އާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، މިއަހަރު އިސްކަން ދެއްވާނެކަންކަމާ ބެހޭ ގޮތުން އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަމުންނެވެ.

ޝާހިދު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އަމާޒު ހިފާފައި އޮތްއިރު، އަދަށްވުރެ ރަނގަޅު މާދަމާއެއް ބިނާކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި އެކަން ކުރާއިރު، ފުރަތަމަ އިސްކަމެއްގެ ގޮތުގައި ބަލަންވީ މި ބަލިމަޑުކަމުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ކޮމިއުނިޓީތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ސަރަހައްދީ އިން ކަނޑުގެ އެއްވެސް ސަރަހައްދެއްގައި ނުހިމެނޭ، ތަރައްގީވަމުން އަންނަ ގައުމުތަކާ (ލޭންޑް ލޮކްޑް ޑިވެލޮޕިން ކަންޓްރީސް) އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ އެފަދަ ގައުމުތަކުން ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބާރުދީ، ފުނޑުފުނޑުވެފައިވާ އެމީހުންގެ އިގްތިސާދު އަލުން ބިނާކުރުމަށް އެހީވެދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.