ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް"ގެ ނަމުގައި އިދާރާއެއް އުފައްދަވައިފިއެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްގެ މަސައްކަތްތައް:
- ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
- ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސާވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
- ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާ ދިނުން.
- ދިވެހިރާއްޖޭގެ ސަރަޙައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން.
- ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މައުލޫމާތު އާންމުކުރުން.
- ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
- ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަޤްވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.
- ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
ދައުލަތުގެ އިދާރާތަކުން ލިޔުާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއަށް ލިޔާ ސިޓީގައި ޖަހާނީ 487 ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.