މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދޫ މަރާލީ ކޮޅު ތޫނު ކޮށްފައިވާ ދަގަނޑަކާއި ވަޅިއެއް ބޭނުންކޮށްގެން ކަމަށް އިއުތިރާފުވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު މަރާލީ ބޮލަށް ޝައިތާނާ ވަދެގެން ކަމަށާއި މިހާރު އެއީ ކުށެއްކަން އެނގޭ ކަމަށް ޝާ އަލޮމް މިއާ މިއަދު ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ބުނެފައެވެ.

ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފުވެފައެވެ.

ޝާ އަލޮމް މިއާ އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށާއި އެ އިއުތިރާފުގެ އެއްބަސްވުން ހަދައިދިނުމަށް އެދިފައެވެ. އެހެންނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުން ވާތީ ޕީޖީ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާގެ އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.

ދައުލަތުން އަދިވެސް ބޭނުންވަނީ ހެކިން ކޯޓަށް ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދަން ކަމަށް ބުނުމުން ގާތިލްގެ ވަކީލު ވަނީ މައްސަލައެއްގައި ލިބޭނެ އެންމެ ބޮޑު ހެއްކަކީ އިއުތިރާފުކަން ފާހަގަކޮށް ހެކިން ހާޒިރުކޮށްގެން ޝަރީއަތް ކުރިޔަށް ގެންދިއުމަކީ ޝާ އަލޮމް މިއާގެ ހައްގުތަކަށް އުނިކަން އައިސްދާނެ ކަމެއް ބުނެ ހެކިން ހާޒިރުކުރުމަށް ދެކޮޅު ހަދާފައެވެ. މިކަމާ ގުޅިގެން ޝަރީއަތުން ވަނީ ކޮންމެ ބާވަތެއްގެ މައްސަލައެއްގައިވެސް ހެކިން ހާޒިރުކޮށްގެން މައްސަލަ ކުރިޔަށް ގެންދިއުމަކީ ދައުވާ ލިބޭ ފަރާތުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ވަނީ ނަމަވެސް ހައްގަކަށް އުނިކަން ލިބޭ ގޮތަށް ޝަރީއަތް ކުރިޔަށް ނުގެންދާނެ ކަމަށް ބުނެފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ޝާ އަލޮމް މިއާ އިއުތިރާފުވުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވިދާޅުވީ ދެން މި މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އަވަސް ނިއާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް ޝަރީއަތުގެ އަޑުއެހުމެއް ހަމަޖެއްސެވުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމައިލާފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނެފައިވަނީ، މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަށިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ އިރު، ގާތްގަނޑަށް 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހުމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.