މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލި ޝާ އަލޮމް މިއާ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވެއްޖެއެވެ.

މިއަދު ޝާ އަލޮމް މިއާގެ ޝަރީއަތް މިއަދު ފަށައިފާވާއިރު އޭނާ ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް އެދިފައެވެ. އެހެންނަމަވެސް މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުން ވާތީ ޕީޖީ އޮފީހުން ނިންމާފައި ވަނީ ޝާ އަލޮމް މިއާގެ އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.

މީގެ ކުރިން ތަހުގީގަށް މައުލޫމާތު ދެމުންވެސް ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދު މަރާލީ އެކަނި ކަމަށް ބުނެ، އެ ކުށަށް އިއުތިރާފުވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނެފައިވަނީ، މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަށިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ އިރު، ގާތްގަނޑަށް 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހުމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.