ރ. އުނގޫފާރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.
އުނގޫފާރުން ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމުގައި ވީ ނަމަވެސް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ. އުނގޫފާރަކީ ރ. އަތޮޅާއި އަތޮޅުން ބޭރުގެ އެތަށް ރަށަކުން ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ހިދުމަތް ހޯދަން އެތައް ބަޔަކު ދާ ރަށަކަށް ވާއިރު ކޮވިޑް ޓެސްޓު ކުރެވޭނެ ވަސީލަތްތައް ނެތް މައްސަލައަކީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބު ރައީސް ޔޫޝައު ނަސީމް ވިދާޅުވީ އެ ރަށުން މި ފަހަރު ފުރަތަމަ ކޭސް ފެނިފައިވަނީ ޖެނުއަރީ މަހު 13 ވަނަ ދުވަހު ނެގި ފްލޫ ސާމްޕަލެއް ކަަމަށެވެ. އަދި މިހާތަނަށް 82 މީހަކު ޕޮޒިޓިވް ވެފައި ވީ ނަމަވެސް 2 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އުނގޫފާރު ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް ޕޮޒިޓިވް ވެފައި ވާއިރު، ޑޮކްޓަރުން ހިމެނޭހެން ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީ ކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ޔޫޝައު ވިދާޅުވީ އުނގޫފާރުގެ ގިނަ މުވައްސަސާތަކުގެ މުވައްޒަފުން މި ވަގުތު ޕޮޒިޓިވް ވެގެންނާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައި ވާ ކަމަށާއި އެގޮތުން އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން 2 މުވައްޒަފަކު ފިޔަވާއި ދެން ތިބި ހުރިހާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވުމާއި އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ވާން ޖެހުމުން ފެން ޕްލާންޓްގެ މުވައްޒަފުންނާއެކު އިންޖީނުގޭގެ ކަންކަން ބަލަހައްޓަމުން ދާ ކަމަށެވެ.
ޔޫޝައު ވިދާޅުވީ ހޮސްޕިޓަލުންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި އެހެންނަމަވެސް އުނގޫފާރުން މިފަހަރު ޕޮޒިޓިވްވި އެއްވެސް މީހަކު މިހާތަނަށް ފެސިލިޓީއަށް ފޮނުވައިވާ ނުވާ ކަމަށެވެ.
ޔޫޝައު ވިދާޅުވީ އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް ބޭރުގައި އުޅުމާއި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަމުން އަންނަ ކަމަށެވެ. އަދި ހޮޓާމ ކެފޭއިން ދެވޭނީ ހަމައެކަނި ޑެލިވަރީ ސާވިސް ކަމަށް ކަނޑައަޅައިފައި ވާ ކަމަށާއި ރަށަށް އަރާ ބޭރު މީހުންނަށްވެސް ހަމައެކަނި ހުއްދަ ލިބޭނީ ހޮސްޕިޓަލަށް ދިއުމަށް ކަމަށް ޔޫޝައު ވިދާޅުވިއެވެ.
ޔޫޝައު ވިދާޅުވީ ކާފިއު ގަޑީގައި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ނިކުމެ އުޅޭ ކަމަށް ޕޮލިހުންވެސް ރިޕޯޓުކޮށްފައި ނެތް ކަމަށެވެ.
ޔޫޝައު ވިދާޅުވީ މި ވަގުތު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ މުވައްސަސާތަކުގެ މުވައްޒަފުން ކަރަންޓީން ކޮށްފައި ވާތީ އަންނަ ދަތިތައް ކަމަށާއި ކައުންސިލްގެ އެތަށް ބައިވަރު މުވައްޒަފުންތަކެއް ކަރަންޓީނު ކޮށްފައި ވާތީ ރަށުތެރެ ބެލެހެއްޓުމުގެ ކަންތައްތަކަށް ދަތި ތަކެއް ކުރިމަތިވާ ކަމަށެވެ.
ޔޫޝައު އިތުރަށް ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާ ކަމުގެ ޝަކުވާތައް އުނގޫފާރުގައި ވެސް އެބަހުރި ކަމަށާއި އެ ރަށުގައި އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއެކު ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެން 3 ދުވަސް ނުވަތަ 4 ދުވަސް ހޭދަވާ ކަމަށެވެ.
މޮނިޓަރިންގެ ހާލަތުގައި އުނގޫފާރަށް އަރާ ފޭބުމަށް ހުއްދައަށް އެދި ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި އުނގޫފާރުން ފުރުމަަށް ނުވަތަ އައުމަށް ބޭނުންވާ ސަބަބާއި ދަތުރުގެ މައުލޫމާތު ހިމެނޭ ގޮތަށް އުނގޫފާރު ކައުންސިލްގެ އީ-މެއިލް އަށް މައުލޫމާތު ފޮނުވުމަށް ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން އުނގޫފާރަށް ކަނޑައަޅައިފައި ހުންނަ ޕޯކަލް އަށް ގުޅުމުން ވަނީ އެޗްޕީއޭއަށް ގުޅުމަށް ބުނެ މައުލޫމާތުދޭން ދެކޮޅު ހަދާފައެވެ.
މީގެ އިތުރުން ރ. ދުވާފަރުން ކޮވިޑް ކޭސްތަކެއް ފެންނަމުން އަންނައިރު މިވަގުތުވެސް އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 33 އަށް އަރާފައެވެ.