ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލާ ޗެނަލް ޕާކް ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓް ހަދަން 7 ބިމަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، އެ ތަންތަން ހެދުމަށް ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ކަނޑައަޅާފައިވާ ކަމަށާއި ރެސްޓޯރެންޓް ހަދަން ހަވާލު ކުރާނީ އެ ފަރާތަކުން އެ ތަން ޑިޒައިންކޮށް ހަދައި ހިންގާ ގޮތަށް ކަމަށެވެ. އަދި އެތަންތަން ހިންގަން ވާނީ އެޗްޑީސީން ދޭ މުއްދަތަކަށް އެޗްޑީސީއާއެކު އެއްބަސްވެވޭ އުސޫލުތަކާ އެއް ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މި ތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓާ ވެފައިވާ ކުންފުނިތަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެއެވެ.

ކެފޭ/ރެސްޓޯރެންޓު ހަދަން ހުޅުވާލި މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ބްރިޖުތައް ވެސް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އަދިވެސް އާނމުން ދެވަނަ ފިޔަވައްސަށް ވަދެ ނުކުމެ ހެދުމަށް ބޭނުން ކޮށް އުޅެނީ އެތަނުން ދެ ބްރިޖެކެވެ.