އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ އިންސްޕެކްޝަންގެ ތެރެއިން 993 ތަނެއް ބަލާ ފާސްކޮށްފިއެވެ.

މިއީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމުގެ އިތުރުން އެ މިންގަނޑުތަކާއި އެއްގޮތަށް ހިދުމަތް ދިނުމަށް ބާރުވެރިކޮށް އާންމުން އެކަންކަމަށް އަހުލުވެރި ކުރުމަށް ހިންގި އިންސްޕެކްޝަނެކެވެ.

ހުސްވި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުން މާޗް 2 ވަނަ ދުވަހުގެ ނިޔަލަށް މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލް އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައިވެރިވުމާވެސް އެކުއެވެ.

އެޗްޕީއޭ އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންސްޕެކްޝަން ހިންގާފައިވަނީ ހުޅުމާލެ، ތިލަފުށި، ވިލިމާލެ، މާލެ، ގުޅިފަޅު، ކްރޮސްރޯޑްގެ އިތުރުން ހުޅުލެ އެއާޕޯޓުގައެވެ. އެންމެ ގިނަ ތަންތަން ބަލާފައި ވަނީ ހުޅުމާލެ އާއި މާލެއިންނެވެ. އެގޮތުން މާލޭގެ 597 ތަނެއް ބަލާ ފާސްކުރިއިރު ހުޅުމާލެ އިން ފާސްކޮށްފައި ވަނީ ޖުމްލަ 308 ތަނެކެވެ.

އެގޮތުން 99 ކެފޭ އާއި 76 ރެސްޓޯރެންޓާއި 69 ޓޭކްއަވޭ ތަންތަނުގެ އިތުރުން 32 ގާޑިޔާ/ކިއޮސްކް ފަދަ ތަންތަން ހުޅުމާލެއިން ބަލާފައިވެއެވެ. އަދި ހަމައެހެންމެ މާލޭގެ ޖުމްލަ 389 ކެފޭއާއި ރެސްޓޯރެންޓްތައް ބަލާފާސްކޮށްފައިވާއިރު ޓޭކްއަވޭ ހަދާ 102 ތަނެއް ވަނީ ބަލާފައެވެ. އަދި ހަމައެހެންމެ 63 ހޮޓާ އާއި 17 ފިހާރައެއް ވެސް މާލެއިން ބަލާފައިވެއެވެ.

ތިލަފުށިން ޖުމްލަ 9 ތަނެއް ބަލާފައިވާއިރު ވިލިމާލެ އިން 19 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ގުޅިފަޅުގެ 2 ތަނެއް ބަލާފައިވާއިރު ކްރޮސްރޯޑްގެ 15 ތަނެއް އަދި ހުޅުލެ އެއާޕޯޓްގެ 43 ތަނެއް ވަނީ ބަލާފައެވެ.

އަދި މި އިންސްޕެކްޝަންގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އަމަލު ކުރާނީ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން އެކަންތައްތައް އިސްލާހުކުރުމަށް މަސައްކަތް ކުރުމަށާއި އަދި އެފަދަ ސާފުތާހިރު ނޫން ތަންތަނުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ ކުރިން ވެސް ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތައް މާލެ ސަރަހައްދުގައި ފާހަގަވެފައި ވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ އުސޫލުތަކެއް ހުންނަ ނަމަވެސް އެ އުސޫލުތަކާ އެއްގޮތުގެ މަތިން ހިންގާ ކެފޭ ހޮޓާތައް މަދެވެ.