ނ. މާޅެންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މުޅި މަޝްރޫއުގެ 86 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގެ 72.8 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި, ސީއައުޓްފޯލް ގާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑްއިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 42.9 މިލިއަން ދިވެހި ރުފިޔާއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މާޅެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.