ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދުބާއީ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތާއި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ، ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުބާއީ އެގްޒިބިޒަން ހޯލްގައި މިއަދު ބޭއްވި އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިއަދު ކުރިޔަށް ގެންގޮސްފައި ވާއިރު އަބޫދާބީ ސަސްޓެއިންނަބިލިޓީ ވީކް އަކީ ސަސްޓެއިނަބިލިޓީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ހަރަކާތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ހަރަކާތުގެ މަގްސަދަކީ އިޖްތިމާއީ، އިގްތިސާދީ، އަދި ފަންނީ ކުރިއެރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މިއަހަރުގެ މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކޮޕް-26ގެ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓުތައް، ގުޅިގެން އެއް މަގްސަދެއް ހާސިލުކުރެވޭގޮތަށް އަލުން މުރާޖައާކޮށް އެކުލަވާލުމުގެ މައްޗަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ،

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތް ކުރެވެނީ އެ ގައުމުގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާންގެ ހިދުމަތްތަކަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.