ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޗައިނާގައި 2021 ވަނަ އަހަރު ކުދިން އުފަންވި ނިސްބަތް، ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ޗައިނާގެ ބާތު ރޭޓު ނުވަތަ އާބާދީގެ ނިސްބަތުން ކޮންމެ 1000 މީހަކަށް، އެ ގައުމުގައި އުފަން ވެފައި ވަނީ 7.52 ކުދިންނެވެ.

އަލަށް އުފަންވާ ކުދިންގެ އަދަދު ދަށް ވުމަކީ ޗައިނާއަށް ކުރިމަތިލާން ޖެހިފައި ވާ ބޮޑު މައްސަލައަކަށް ވާ އިރު، ޗައިނާ ސަރުކާރުން 2021 ވަނަ އަހަރު ވަނީ، ކޮންމެ ދެމަފިރިއަކަށް 3 ދަރިން ހޯދުމުގެ ހުއްދަ ދީފައެވެ.

ޗައިނާއަކީ އާބާދީ ކޮންޓްރޯލް ކުރުމުގެ ނަމުގައި، ކޮންމެ ދެމަފިރިއަކަށް 1 ދަރީގެ ލިމިޓެއް ކަނޑައަޅައިގެން އުޅުނު ގައުމަކަށް ވީ ނަމަވެސް، އާބާދީ އިތުރު ވާ މިންވަރު ދަށަށް ދާން ފެށުމުން، 2016 ވަނަ އަހަރު އެ ގައުމުން ވަނީ ކޮންމެ ދެމަފިރިއަކަށް 2 ދަރިން ހޯދުން ހުއްދަ ކޮށްފައެވެ. ނަމަވެސް ތަރައްގީ ވެފައި ވާ ސަރަހައްދުތަކުގައި އާއިލާއެއް ބެލެހެއްޓުމުގެ ހަރަދުތައް އަތް ނުފޯރާ ފަށަށް ދާން ފެށުމުން، އާއިލާތަކުން ވަނީ އިތުރު ދަރިން ހޯދުން ހުއްޓާލާފައެވެ.

2021 ވަނަ އަހަރު ޗައިނާއިން ރިޕޯޓް ކުރި ބާތު ރޭޓަކީ، އެ ގައުމުގައި ތަފާސް ހިސާބުތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް ރެކޯޑް ކުރި އެންމެ ދަށް މިންގަނޑެވެ. ޗައިނާގެ ތަފާސް ހިސާބުތަކާ ބެހޭ ބިއުރޯއިން ލިޔެކިއުންތަކުގެ ރެކޯޑް ބަލަހައްޓަން ފެށީ 1949 ވަނަ އަހަރުއެވެ.

ގުދުރަތީ ގޮތުން ޗައިނާގެ އާބާދީ އިތުރުވި ނިސްބަތްވެސް 2021 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. 2021 ވަނަ އަހަރު މި އަދަދު އުޅުނީ 0.034 ޕަސެންޓްގައި ކަމަށް ވާ އިރު، މިއީ 1960 ވަނަ އަހަރަށް ފަހު މިއަދަދު މިހާ ދަށުން ރެކޯޑް ކުރި ފަހަރެވެ. ގުދުރަތީ ގޮތުން އާބާދީ އިތުރުވުން މާނަ ކުރަނީ، އެ ގައުމަށް ހިޖުރަ ކުރި އާބާދީ ނުހިމަނައެވެ.

ކަން މިހެން އޮތް އިރު، ޗައިނާގެ އާބާދީ ދޮށީ އުމުރަށް އަޅައިގެން އަންނަނީ އިންތިހާ ހަލުވި ދުވެލީގައި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތުގެ މައިދާނަށް ނިކުންނަން ތިބޭ ޒުވާނުންގެ އަދަދު، ދޮށީ އުމުރު ފުރާއަށް އަޅާ މީހުންނަށް ވުރެ އެތައް ގުނައެއް ދަށްވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ.