ހުޅުމާލޭގެ މަގުމައްޗަށް ވެއްޓުނު ކޮތަޅެއްގައި ހުރި ބިޔަރު ދަޅުތަކެއް ހުރި މައްސަލަ ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ކޮތަޅެއްގައި ބިޔަރު ދަޅުތަކެއް ހުރި މައްސަލައިގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:26 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް ގޮސް މަގުމަތީގައި ހުރި ބިޔަރު ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަނގުރާ ފުޅިތަކެއް ހިފައިގެން މާލޭގެ މަގުމަތީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މުލިއާގެ ފާރުގައި ޖެހި، އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ މައްސަލާގައި ބަނގުރާފުޅިތަކާއެކު ބިދޭސީއެއް އަތުލައިގެންފައިވެއެވެ.