ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުވަހަކަށް ފަހު ދުވަހެއް ގުނަން މަޖުބޫރުވެފައި ވާއިރު، އިހު އުޅުނު ދިރިއުޅުމަށް ވާސިލުވުމަށް މިއަދު ތަންފީޒު ކުރަން ޖެހިފައި ވާ އާ-އާންމު ހާލަތުގެ އެއް ބައިވެރިއަކީ މާސްކޭ ދެންވިދާނެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ޖަހާ، ޖިސްމާނީ ގައި ދުރުކަން ތަންފީޒު ކުރި ކަމުގައި ވީ ނަމަވެސް، މާސްކު ބޭނުން ކުރަން ޖެހެއެވެ. ޕޮޒިޓިވް ކޭހެއްގެ ކޮންޓެކްޓެއްތޯ ބެލުމުގައި ވެސް މާސްކުން އަދާ ކުރާ ދައުރު ބޮޑެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން، މާސްކު އެޅުމަށް ބާރު އަޅުއްވާ / ފޮޓޯ: އޮޓާގޯ ޑެއިލީ ޓައިމްސް

މިހާ ހިސާބުން މާސްކުގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ދާދި ފަހުން ކާޑިފް ޔުނިވާސިޓީގެ އިލްމުވެރިންތަކެއް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މާސްކު އެޅުމަކީ ފެންނަ ފެނުމަށް، މީހާގެ ބުރުސޫރަ ރީތިކޮށްދޭ ކަމެކެވެ.

ކާޑިފް ޔުނިވާސިޓީގެ ސްކޫލް އޮފް ސައިކޮލޮޖީގެ ޑރ މައިކަލް ލުވިސް ވިދާޅުވީ، މެޑިކަލް މާސްކު ބޭނުން ކުރުމަކީ ފެންނަ ފެނުމަށް މީހާގެ ބުރުސޫރަ ހުތުރު ކުރާ ކަމެއް ކަމަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ހަދާފައިވާ ދިރާސާއަކުން ދައްކާފައި ވާ ކަމަށެވެ. އެހެނީ، މާސްކަކީ، ބައްޔެއް ނުވަތަ ބަލިމަޑުކަމަކާ ގުޅިފައި އޮތް ކަމެއް ކަމުގައި އޭރު ދެކެވިފައި އޮތަތީ ކަމަށް ޑރ ލުވިސް ވިދާޅުވިއެވެ.

ޑރ ލުވިސް ވިދާޅުވީ، އެ ފިކުރު ބަދަލުވިތޯ ބައްލަވަން ބޭނުންވެވަޑައިގެންނެވި ކަމަށެވެ. އެހެނީ މާސްކު ބޭނުން ކުރުން އެންމެނަށް އާންމު ވެފައި އޮތަތީއެވެ. އަދި ވަކި ވައްތަރެއްގެ މާސްކެއްގެ ސަބަބުން ދެކޭ ގޮތް ބަދަލުވިތޯ ބެއްލެވުމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މާސްކު ބޭނުން ކުރާނެ ރަނގަޅު ގޮތް، ސޫރިޔާގެ ޑޮކްޓަރަކު ކުޑަ ކުއްޖަކަށް ކިޔައިދެނީ/ފޮޓޯ: އޭއެފްޕީ

ކާޑިފް ޔުނިވާސިޓީގެ ހޯދުންތައް ދެއްކި ގޮތުގައި މީހުން އެންމެ ރީތީ މެޑިކަލް މާސްކުގައި ހުންނައިރު ކަމަށް ޑރ ލުވިސް ވިދާޅުވިއެވެ. އެހެނީ، އާންމު ކޮށް ނޫކުލައިގައި ހުންނަ މެޑިކަލް މާސްކަކީ ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ މާސްކަކަށް ވެފައި، އެއީ މީހުންނަށް އަޅާލާ މީހުން ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ސިކުނޑިއަށް ނަގައިގަނެވިފައި އޮތުމުން ކަން ޑރ ލުވިސް ފާހަގަ ކުރެއްވިއެވެ.

ޑރ ލުވިސް ވިދާޅުވީ، އަދުގެ ދުނިޔޭގައި މެޑިކަލް މާސްކެއް އަޅައިގެން ހުންނަ މީހަކާ މެދު، އެދެވޭ ނަޒަރަކުން އަނެކާއަށް ބެލޭ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއު ހޯދާ، ބަލިން ސަލާމަތް ވެ ރައްކާތެރިކަން ހޯދުމަށް އޮތް އެންމެ މުހިންމު އެއް ހަތިޔާރަކީ މާސްކު ކަމަށް ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މާސްކުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ބަޔާން ކޮށްފައެވެ.