ނިމިދިޔަ ހަފުތާގައި ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވުމާ ގުޅިގެން، އަވަށްޓެރި ބަންގްލަދޭޝްގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް ބަންގްލަދޭޝްއިން 3359 ކޮވިޑް ކޭހާއި 12 މަރުގެ ކޭސް ރިޕޯޓް ކޮށްފައި ވާއިރު، ބައްޔަށް މީހުން ޕޮޒިޓިވްވާ ރޭޓް ހުރީ 12 ޕަސެންޓްގައި ކަމަށް، ބަންގްލަދޭޝްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބައްޔަށް ޕޮޒިޓިޒް ވާ ރޭޓު، 10 ޕަސެންޓުން މަތީގައި އުޅޭތާ، ވިދިވިދިގެން 3 ދުވަސް ފާއިތު ވެފައި ވާ ކަމަށް، ބަންގްލަދޭޝްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ ތަރުޖަމާނު ޑރ ރޫބިދު އަމީން ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްއިން ވަނީ، ވެރިރަށް ޑާކާއާއި އިރުދެކުނު ރަންގަމަތީ ޑިސްޓްރިކްޓްއަކީ ރެޑްޒޯންތަކެއް ކަމުގައި ކަނޑައަޅާފައެވެ. މި ސަރަހައްދުތަކުގެ އިންފެކްޝަން ރޭޓް އުޅެނީ 10 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަމީން ވިދާޅުވީ ބަންގްލަދޭޝްއިން ފެނިފައި ވާ ކޮވިޑް ކޭސްތަކުގެ 80 ޕަސެންޓް މި ވަގުތު ހިއްސާ ކުރަނީ ޑެލްޓާ ވޭރިއަންޓުން ކަމުގައި ވީ ނަމަވެސް، އޮމިކްރޯން ވޭރިއަންޓުގެ ކޭސްތައް އިތުރު ވަމުން އަންނަ ކަމަށެވެ. 180 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ ބަންގްލަދޭޝްއިން އޮމިކްރޯންގެ ކޭހެއް ފެނުނީ، ޒިމްބާބްވޭއިން އެނބުރި އައި ކުރިކެޓު ކުޅޭ 2 ކުޅުންތެރިއެއްގެ ކިބައިންނެވެ.

ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވަޒީރު ޒާހިދު މާލިކު ވިދާޅުވީ ހަލުވިކަމާއެކު ކޭސްތައް އިތުރު ވަމުން ދިއުމަކީ، އޮމިކްރޯންގެ އަސަރު ފެށިފައިވުމުގެ ނިޝާނެއް ކަމަށެވެ. ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވެދާނެ ކަމުގެ އިންޒާރުވެސް ވަޒީރު ވަނީ ދެއްވާފައެވެ.