ގައިދީއިންނާއި އޮފިސަރުން ޕޮޒިޓިވްވެ މާފުށި ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން ބުނީ މާފުށީ ޖަލުގައި ކޮވިޑް 19 ގެ އަލާމަތް ހުރި އޮފިސަރުންނާއި ގައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 7 އޮފިސަރުން އަދި 14 ގައިދީން އިއްޔެ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފާ ކަމަށެވެ. އަދި މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅާ މިއަދު ހަވީރު 4 ން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނާނެ ކަމަށް އެ ސާވިސްއިން ވަނީ ބުނެފައެވެ.

ކަރެކްޝަނަލް ސާވިސްއިން އިތުރަށް ބުނީ މާފުށީ ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް 9 ގައިދީއަކާއި އޮފިސަރެއް މާފުށި ޖަލުން ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ ގައިދީންނާއި އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން އެފަހަރު 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.