ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގި އިރު އަނިޔާވި ބިދޭސީއަކާއި ރާފުޅިތަކެއް ފުލުހުން އަތުލައިފިއެވެ.

ފުލުހުން ބުނީ މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި އަލިކަލޭގެފާނު މަގުން ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް މުލިއާގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މިއަދު ހަވީރު 16:30 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވާއިރު، ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި މިހާރު އޭނާއަށް ފަރުވާދެމުން ދާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލުގައި އަޅުވާފައި އިން ކޮތަޅެއްގެ ތެރެއިން ބަނގުރާފުޅިތަކެއް ފެނިފައިވާ ކަމަށާއި އެހެން ނަމަވެސް ފެނިފައި ވަނީ ކިތައް ފުޅިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ސައިކަލު ދުއްވަން އިނީ ދިވެއްސެއް ކަމެއްވެސް، ސައިކަލުގައި ތިބީ ކިތައް މީހުން ކަމެއްވެސް ނުބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.