އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް އަންނަ ބުދަ ދުވަހުގެ ހެނދުނަށް ތާވަލު ކޮށްފިއެވެ.

އެގޮތުން އަންނަ ބުދަ ދުވަހުގެ ހެނދުނު 11 ޖަހާއިރު، މަހްލޫފްގެ ޝަރީއަތް ފަށަން ވަނީ ނިންމާފައެވެ.

އެ މައްސަލާގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، މިދިޔަ ޖޫން 27 ގައި ހުރިހާ ލިޔެކިއުންތަކެއް ޕީޖީ އޮފީހަށް ފޮނުވާފައި ވާއިރު، އޭގެ ފަސް މަސް ފަހުން ޕީޖީން ވަނީ މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެވެ.

ނަމަވެސް، އެ ތުހުމަތުތަކަށް މަހްލޫފް އިންކާރު ކުރައްވައެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށާއިރު، އެމްއެމްޕީއާރުސީގެ މައްސަލާގައި ސަރުކާރުގެ އިސް ބޭފުޅަކަށް ދައުވާ އުފުލައިފި ނަމަ، އެ ބޭފުޅަކު މަގާމުން ވަކި ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ ކުރިންވެސް މަހްލޫފްގެ މައްޗަށް 2019 ގައި ދައުވާކުރަން ފޮނުވިއިރު، ދައުލަތުން ވަނީ އޭރު ކުޑަ ދުވަސްކޮޅަކަށް މަހްލޫފް ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުންވެސް މަހްލޫފް މިދިޔަ ޖޫން މަހު މަގާމުން ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ގޮތެއް ނިންމުން ލަސް ކަމަށް ބުނެ، އޭނާގެ ސަސްޕެންޝަން ވަނީ އޭގެ ހަތަރު މަސް ފަހުން އުވާލާފައެވެ.