މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރިހެބިލިޓޭޝަން ފްރޭމްވާކްގެ ދެވަނަ ފޭސްގެ އާ ދެ ބެޗް ޖަލުގައި 42 ގައިދީންނާއެކު ފަށައިފިއެވެ.

ކަރެކްޝަނުން ބުނީ ރިހެބިލިޓޭޝަން ފްރޭމްވާކް ފޭސް 2 ކުރިއަށް ދާނީ 03 މަސް ދުވަހަށް ކަމަށާއި އިއްޔެ ފެށި 2 ބެޗަކީ ފިރިހެން ގައިދީންގެ 16 ވަނަ ބެޗާއި އަންހެން ގައިދީންގެ 4 ވަނަ ބެޗު ކަމަށެވެ.

މިގޮތުން 16 ވަނަ ބެޗްގައި 30 ފިރިހެން ގައިދީން ބައިވެރިވެފައި ވާއިރު، ބެޗް 4 ގައި 12 އަންހެން ގައިދީން ބައިވެރި ވެފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ މި ރިހެބިލިޓޭޝަން ފްރޭމްވާކް ތައާރަފް ކުރުމުގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢަށް ނުކުންނައިރު އެމީހުންނަށް އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއް ކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކް އެކުލެވިގެންވަނީ ގައިދީންގެ ކިބާގައި "ޑިސިޕްލިން" ބިނާކުރުމާއި އެމީހުންނަށް "ސައިކޮލޮޖީ ޕްރޮގްރާމްތައް" ހިންގުމާއި "އެޑިއުކޭޝަން އަދި ވޮކޭޝަން" ދަސްކޮށްދިނުމުގެ އިތުރުން "ޕްރިޒަން ކޮމިއުނިޓީ ސާވިސް" ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން ބުނީ ފޭސް 2 ގެ މަގްސަދަކީ ގައިދީންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމައުއަށް ނެރެދިނުން ކަމަށެވެ. އެގޮތުން ސައިކޮލޮޖީ ޕްރޮގްރާމްތަކުގެ ތެރޭގައި ކުށުގެ ވެށިން ދުރުހެލިވުމަށް ބާރުއަޅާ ޕްރޮގްރާމްތަކާއި ދީނީ ޕްރޮގްރާމްތަކާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނޭ ކަމަށް ކަރެކްޝަނުން ބުނެއެވެ.