119 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބެލި އިރު، މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ވަނީ ފެނިފައި ކަމަށާއި، އެ ޓެކްސީން ފެނުނު މަސްތުވާތަކެއްޗަކީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާފުށިން މާލެއަށް އައި ލޯންޗަކުން އައި މަސްތުވާތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ހަމަ އެއާއެކު، އެ މައްސަލައާ ގުޅުންހުރި މީހުންގެ ކާރަކުން މަސްތުވާތަކެތި ހުރި 86 ޕެކެޓު ފެނިފައި ވާ އިރު، ސައިކަލެއްގެ މަޑިދަށުންވެސް ފުލުހުން ވަނީ ފަސް ޕެކެޓު ހޯދާފައެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެ ފަސް މީހުންނަކީވެސް ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންނަކީ:
- އަރުޝަދު ހާމިދު (26އ)، އަލޯރާ
- އަހުމަދު މުޖާހިދު (28އ)، އަލޯރާ
- އަހުމަދު ސުނައިން (25އ)، އިރުމަތީގެ
- އަލީ ޒުބައިރު (52އ)، ގުލޭނޫރަންމާގެ
- މުހައްމަދު އަކްރަމް އަބްދުލްހަންނާން (31އ)، ދޯދި
އެ މައްސަލާގައި ޒުބައިރާއި ސުނައިނު ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކު ހިމެނުނު ޓެކްސީންނެވެ. އަދި މުޖާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޮތް ކާރެއްގެ ތެރެއިންނާއި ސައިކަލެއްގެ މަޑިދަށުން ފެނުނު 91 ޕެކެޓު މަސްތުވާތަކެތީގެ މައްސަލާގައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ ތަފްސީލު
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރީ މުޖާހިދާއި، ސުނައިނުގެ އިތުރުން، ޒުބައިރެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވި އަޑުއެހުމުގައި އެ މައްސަލާގައި ތުހުމަތުވާ މުޖާހިދާއި، ސުނައިނުގެ ދިފާއީ ވަކީލުން ބުނީ:
މުޖާހިދާއި ސުނައިނާ ދެކޮޅަށް ފުލުހުން ހުށަހަޅާފައިވާ ވީޑިއޯއިން ފެންނަނީ އެ ދެމީހުން ނޫން ކަމަށާއި އެ ވީޑިއޯ ދިމާނުވާ ކަމަށްއަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުވައިގެން ހެކީގެ ގޮތުގައި ފިންގަޕްރިންޓެއްވެސް ފެނިފައި ނުވާ ކަމަށްއެ މައްސަލާގައި ކުރިއަށް ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ތުހުމަތު އިތުރު ހެއްކެއްވެސް ހުށަނާޅާ ކަމަށްހަމަ އެއާއެކު، މުޖާހިދުގެ ދިފާއީ ވަކީލުން ބުނީ، އޭނާގެ އަންބަކާއި ކުޑަ ދަރިފުޅެއް ހުންނައިރު، މުޖާހިދު ބަންދުގައި ހުންނަން ޖެހުމުން އެ މީހުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށެވެ.
ނަމަވެސް، މިއީ އަދި ހެކި ވަޒަންކުރާ މަރުހަލާ ނޫން ކަމަށް ވިދާޅުވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ވަނީ، އެ މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ނިންމަވާފައެވެ.
އެ މައްސަލާގައި ހިމެނޭ ޒުބައިރުގެ ދިފާއީ ވަކީލުން ބުނީ، 28 ޕެކެޓު މަސްތުވާތަކެތި އުފުލި ޓެކްސީ ޑްރައިވަރާއި އެ ޓެކްސީގެ ވެރިމީހާގެ މައްޗަށް ފުލުހުން އެއްވެސް ތުހުމަތެއް ކޮށްފައި ނުވާއިރު، ޓެކްސީން ފެނުނު މަސްތުވާތަކެއްޗާއި ޒުބައިރާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ފުލުހުން ވަނީ މި ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް މައުލޫއީ ގޮތުން އެ މައްސަލަ ބައްލަވާ ފަނޑިޔާރު އެކަމާ މެދު ގޮތެއް ނިންމަވަން ފެންނަ ކަމަށް ވިދާޅުވެ، ގާޒީ ދެއްވީ 15 ދުވަހުގެ މުއްދަތެކެވެ.
މި ތިން މީހުންގެ މައްޗަށް 15 ދުވަހުގެ ބަންދެއް އިއްޔެ ޖަހާފައިވާއިރު، އެ މައްސަލާގައި ތުހުމަތުކުރެވޭ އަރުޝަދާއި، އަކްރަމް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ފަހު ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.