ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުން ކަރަންޓީނު ކުރާ މުއްދަތު 7 ދުވަހަށް ކުރު ކޮށްފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، ކަރަންޓީނު ކުރާނީ އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތައް ކަމަށެވެ. މި 7 ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރި ކުރެވިފައި ވާ މުއްދަތު ނިމޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތެއް ހުރިނަމަ، އެކަހެރި ކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން 7 ދުވަސް ފުރިހަމަ ވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

އެންޓިޖެން ޓެސްޓު ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރާ މުއްދަތު ވެސް ކުރުކޮށްފައި ވާއިރު އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވް ވާ މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަށް ކަމަށެވެ.

މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓު ކުރުމަކާ ނުލައި ކަރަންޓީނުން ދޫކުރެވޭނެ ކަމަށާއި ނަމަވެސް، އެ މީހަކު ކަރަންޓީނު ވުމަށް އެޗްޕީއޭއިން އަންގާ ތާރީހުން ފެށިގެން 5 ދުވަސް ފުރިހަމަ ވުމުން، ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިގޮތަށް އަމަލު ކުރެވޭނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ނަމަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ވެކްސިން ފުރިހަމަ ނުވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވް ވާ މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަހަށް ކަމަށާއި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.