ސައިބީރިއާގައި މައިނަސް 20 ޑިގްރީ ސެލްސިއަސްގެ ގަދަ ފިނީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ރަޝިއާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ކުކުޅުބިސް އުފުލާ ޒާތުގެ ފޮށިގަނޑެއްގެ ތެރެއަށް ލާފައި އޮތް ތުއްތު ކުއްޖާ ފެނުނީ، މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި، ފުރާވަރު އުމުރުގެ ކުދިބަޔަކަށެވެ.

އަލަށް އުފަންވެފައިވާ ކުއްޖާ ފެނުމާއެކު، ހޮސްޕިޓަލާ ހިސާބަށް އެ ކުއްޖާ ގެންގޮސްދިނީ، އެ ތުއްތު ކުއްޖާ ފެނުނު ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން ކުއްޖެއްގެ ބެލެނިވެރިންނެވެ.

މީޑިއާއަށް މައުލޫމާތު ދެމުން، ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން ކުއްޖެއްގެ ބައްޕަ ކަމަށް ވާ ޑިމިޓްރީ ލިޓްވިނޯފް ބުނީ، އެއީ އަނދިރި ދުވަހެއް ކަމަށާ، ފޮށިގަނޑު ތެރޭގައި އޮތް އެއްޗެއް ބެލުމަށް އެ ކުދިން ފޯނު ދިއްލި ކަމަށެވެ. އަދި ބެލި ބެލުމުން ފޮށިގަނޑު ތެރެއިން ފެނުނީ އަލަށް އުފަންވެފައި ވާ އަންހެން ކުއްޖަކާ، ބުއްފުޅިއެއް ކަމަށްވެސް އޭނާ ބުންޏެވެ.

އޭރު އެކުއްޖާ އުފަންވިތަ 3 ދުވަސް ވެދާނެ ކަމަށް ބެލެވެއެވެ. އަދި ގަދަ ފިނީގައި އޮތުމުން ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރުވެސް އޮތީ ހީވެފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް، ބެލި ބެލުމުން އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރު ބުނެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މިހާރު 3 ފިރިހެން ދަރިން ހުންނަ ލިޓްވިނޯފްގެ ދެމަފިރިން ވަނީ، މި ކުއްޖާއާ ހަވާލުވުމަށް ޝައުގުވެރިކަން ފާޅު ކޮށްފައެވެ. ނަމަވެސް ރަޝިއާގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން، ތުއްތު ކުއްޖާގެ އާއިލާ މެންބަރުން ހޯދަން މަޑު ކުރަން ޖެހެއެވެ. އަދި އާއިލާ މެންބަރުން ނުހޯދިއްޖެ ނަމަ، އެޑޮޕްޝަނަށް ފުރުސަތު ހުޅުވާލާއިރު، އެކަން ކާމިޔާބު ކުރުމަށްޓަކާ ލިޔެކިއުންތަކެއް އެއްކޮށް، ހާއްސަ ކޯސްތަކެއްވެސް ލިޓްވިނޯފްގެ ދެމަފިރިން ފުރިހަމަ ކުރަން ޖެހޭނެއެވެ.