ޗާންދަނީ މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ މިރޭ 7:54 ހާއިރު، މއ.ޝެޑޯވީ ނަމަކަށް ކިޔާ ގެއެއްގައެވެ އަލިފާން ރޯވީ އެ އިމާރާތުގެ 4 ވަނަ ބުރީގައެވެ. އަދި އަލިފާން ރޯވެގެން ރިޕޯޓް ކުރުމާއެކު އެ ސަރަހައްދަށް ވަނީ ފުލުހުންނާއި ސިފައިން އައިސްފައެވެ.

އަލިފާން ރޯވި އިމާރާތުގެ ކުޑަދޮރުން ދުން ނުކުންނަނީ / ފޮޓޯ: ދަ ޕްރެސް

ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތާ ކައިރީގައި ހިނގި މި އަލިފާނުގެ ހާދިސާ އާ ގުޅިގެން މަގުމަތީގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ޓްރެފިކް ޕޮލިހުން ހަރަކާތްތެރިވެ އެ ސަރަހައްދާއި މަޖީދީ މަގުން ޗާންދަނީ މަގަށް ނުވަދެވޭނެހެން ވަނީ ބަންދުކޮށްފައެވެ. އަދި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމް އައިސް އަލިފާން ނިއްވުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

އަލިފާން ރޯވި އިމާރާތް ހުރި ސަރަހައްދުން މަގު ބަންދުކޮށްފައި / ފޮޓޯ: ދަ ޕްރެސް

އެ އަލިފާން ނިއްވާލާފައި ވަނީ މިރޭ 8:10 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ އެގޭގައި އަލިފާނުގެ ހާދިސާ ހިނގީ އަލަށް ބޭނުންކުރި އުނދުނަކަށް ގުޅާފައިވާ ގޭސް ފުޅީން ގޭސް ލީކުވުމުން ކަމަށެވެ. ފަޔާ އެން ރެސްކިއު ސިފައިން އެ ގެއަށް ދިޔުމުގެ ކުރިން އަލިފާން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ކަަމަށާއި އަދި ސިފައިން ކުރި މަސައްކަތުން އަލިފާން ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.