މިދިޔަ އޮކްޓޯބަރު މަހު ސަފާރީއެއްގައި ރާއްޖެއަށް އެތެރެކޮށް، ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފެނުނު 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލި މީހުުންނަށް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އެ މައްސަލާގެ ޝަރީއަތް ފަށައިފާ ވާއިރު ދައުވާލިބޭ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް، ވަކީލުން ހަމަޖެއްސުމުގެ ފުރުސަތަކަށް ދައުވާލިބޭ މީހުން އެދުމުން އެ ފުރުސަތު އަންނަ މަހާ ހަމައަށް ވަނީ ދީފައެވެ.

އެ މައްސަލާގައި 10 މީހުން ހައްޔަރު ކުރި އިރު އޭގެ ތެރެއިން ދެ މީހަކު ވަނީ މައްސަލަ ކޯޓަށް ވަނުމާއެކު ދޫކޮށްލާފައެވެ. އެހެން ކަމުން ބާކީ ތިބި 8 މީހުންނަށް ބަންދުގެ މުއްދަތު ޖެހިއެވެ. އޭގެ ފަހުން 6 ދިވެހިން ވަނީ ދޫކޮށްލާފައެވެ. އެ މައްސަލާގެ ޝަރީއަތް ފެށިއިރު، އެ މައްސަލާގެ ތުހުމަތުގައި 10 މީހަކު އެންމެ ފުރަތަމަ ހައްޔަރު ކުރިޔަސް، މިވަގުތު ބަންދުގައި ތިބީ ދެ ބިދޭސީން އެކަންޏެވެ.

އެހެންނަމަވެސް ޕީޖީއިން ވަނީ މި މައްސަލައިގާ ހިމެނޭ 10 މީހުންގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި އެ ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުހާން ޝަމީމް އަދި ކ. މާފުށީ، ސްވީޓްމީޑް، އަހުމަދު މާހިރު ވެސް ހިމެނެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 17/2011 ގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިންގެ މައްޗަށް ވަނީ އުފުލާފައެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ 17/2011 ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ގެ 115 ވަނަ މާއްދާގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ އަށާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު އަދި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމުގެ މައްޗަށެވެ.

ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބަށާއި މާފުށި، ސްވީޓްމީޑް، އަހްމަދު މާހިރު އަދި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިންގެ މައްޗަށް މަސްތުވާތަކެތީގެ ގާނޫނުގެ 17/2011 ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލައިފާވާއިރު ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ގެ 115 ވަނަ މާއްދާގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމަށާއި މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމްގެ މައްޗަށެވެ.