ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީވެ ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު މެއިލް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވާ ހުރިހާ މީހުންނަށް ގުޅާ ކޮންޓެކްޓް ޓްރޭސިން ހެދުމަށް މިވަގުތު ދަތި ކަމަށެވެ.

އެހެން ކަމުން ޕޮޒިޓިވްފައިވާ މީހުންނާއި ޕޮޒިޓިވްވާމީހާގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ޕޮޒިޓިވްވެފައިވާ މީހުންގެ ފަރާތުން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެޗްޕީއިން ވަނީ އެދިފައެވެ.

އަމަލުކުރަންވީ ގޮތް:

  • ޕޮޒިޓިވްވެފައިވާކަން އެންގުމުގައި ލަސްވުމުގެ ފުރުސަތު އޮތުމުން، ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލްއެއް ނަގާފައިވާނަމަ "ކޯވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުން.
  • ކޮވިޑު-19 ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން އެނގުމުން އީމެއިލް އަށް ޕޮޒިޓިވްމީހާގެ މަލޫމާތު (ނަން، އައިޑީ/ޕާސްޕޯޓް ނަންބަރު، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް) އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ލިސްޓް (ނަން، އައިޑީ/ޕާސްޕޯޓް ނަންބަރު، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް އަދި ޕޮޒިޓިވް ވި ފަރާތާއި ދިމާވި ތާރީހް) ފޮނުވުން.
  • މައުލޫމާތު އަމިއްލައަށް ފޮނުވުމަށް ދަތިވާ މީހުން (ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުން) ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުން.
  • ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަދި އިތުރު އުދަގުލެއްވާނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުން.
  • ބައްޔާ ގުޅިގެން އިތުރުކަމެއްފާހަގަ ކުރަން ބޭނުންވާނަމަ 1676 އަށް ގުޅައިގެން އެކަމެއް ރިޕޯޓުކުރުން.

މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ވަނީ ފިޔަވަޅުތައް އަޅާ ހަރުކަށިކޮށްފައެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއްނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އަދިވެސް ކޭސްތައް އިތުރު ވަމުން އަންނާތީ ފިޔަވަޅުތައް ވަރުގަދަކޮށް ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅޭ މީހުންނާއެކު މަޝްވަރާ ކުރަމުންނެވެ.

މިހާރު ރާއްޖެއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ އިރު، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސެއްގެ ގައިން މި ވޭރިއަންޓްގެ ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އޮމިކްރޯން ފެނިފައިވަނީ މާލޭގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.