މާލެ ސިޓީ ކައުންސިލަކީ ޕީޕީއެމް މެޖޯރިޓީއޮތް ކައުންސިލެއް ކަމުން ސަރުކާރުން ސިޔާސީގޮތުން ދަތިކުރުންތައް ގެންގުޅޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުންނެވެ.

މިގޮތުން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ޓްރެފިކް ވާޑްން ތައާރަފް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމާއި ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގް އެޅުމާއި، މަގު ހެދުމުގެ މަޝްރޫއުތަކުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.

މީގެ އިތުރުން މިސްކިތްތައް މަރާމާތުކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ސިޓީ ކައުންސިލްގެ ކުންފުނި ރެޖިސްޓްރީކުރުމުގެ މަސައްކަތާއި މިނޫންވެސް އެތަށް ކަމެއް ކުރިއަށް ގެންދިއުމަށްޓަކައި ލިބެންޖެހޭ އެއްބާރުލުންތައް ސަރުކާރުގެ ފަރާތުން ލިބެމުންނުދިއުމުގެ ސަބަބުން މަސައްކަތް ކުރުމުގައި ވެސް ގޮންޖެހުންތައް އޮތް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ބައިވަރު ހުއްދަތައް އެބަހުރި، އެހެން ނަމަވެސް ސަރުކާރުގެ މިހުންނަނީ ސިޔާސީ ވިސްނުމެއްކަމަށް ބޮޑަށް ފެންނަނީ. ޕީޕީއެމް މެޖޯރިޓީ ކައުންސިލެއްވީމަ ސަރުކާރުން ސިޔާސީގޮތުން ދަތިކޮށް ސިޔާސީގޮތުން ހިފެހެއްޓުންތައް ގެންގުޅެނީ
މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު

މުއިއްޒު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަންއުޅޭ ކޮންމެކަމަށް ހުރަސް އެޅުމާއި އެކަމަކަށް އޮންނަ މަގުބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ފަހިވާނެފަދަ ކަމެއް ސަރުކާރުން ކޮށްފިނަމަ މާލެ ސިޓީ ކައުންސިލުން އެކަމަކާއި އުފާކުރާނެ ކަމަށާއި ލާމަރުކަޒީ ނިޒާމުގެ މަފްހޫމާއި އެއްގޮތަށް ކަންކުރަން ކައުންސިލަށް ހުއްދަދިނުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެން ކަމުން އުންމީދަކީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މާޗް މަސް ނިމުމުގެ ކުރިން ސަރުކާރުން ލިބެންޖެހޭ ހުރިހާ ހުއްދަތައް ލިބި ކުރިއަށް ދާނަމަ ސިޓީ ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.