ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް މިދުވަސްކޮޅު ފެތުރެމުންދާއިރު، މިއަހަރުގެ މި 11 ދުވަސް ތެރޭގައި އެ ރޯގާގެ 3491 ކޭސް ރިޕޯޓްކޮށްފިއެވެ.

މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ އިން މި އަހަރު ތެރޭގައި އެފަދަ 2935 ކޭސް ރިޕޯޓްކޮށްފައިވެއެެވެ. އަތޮޅު ތެރެއަށް ބަލާއިރު، އެންމެ ގިނައިން މިފަދަ ކޭސްތައް މިހާތަނަށް ރިޕޯޓްކޮށްފައިވާ ވަނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 198 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު، ރ. އަތޮޅުން 58 ވޭދަނަ ރިޕޯޓްކޮށްފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހީމް އަފްސަލް ވަނީ މި ބަލިން ރައްކާތެރިވުމަށް ފާހަނަ ބޭނުން ކުރުމަށްފަހުގައި އާއި ނެޕީ ބަދަލު ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކާބޯކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. އަފްސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެެރި ކަމަށްޓަކައި އެޅޭނެ ފިޔަވަޅުތަކެއްވެސް ކިޔައިދީފައެވެ. އެޗްޕީއޭއިން ބުނީ ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމާއެކު ފާހާނާ ކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަށް ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުމާއި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަށާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށްވެސް އެދިފައި ވެއެވެ.