ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ ކުންފުނީގެ މިޑްލް މެނޭޖްމަންޓަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައި، އެ ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

ސްޓެލްކޯގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. ތިން ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ފުރިހަމަކުރި 45 ބައިވެރިއަކަށް ވަނީ ސެޓްފިކެޓު ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ މިފަދަ އިތުރު އެހެނިހެން ޕްރޮގްރާމް ތަކުގެ ފެށުމެއް ކަމަށާއި، ކުރިއަށްއޮތް ތަނުގައި މުވައްޒަފުންނަށް މިފަދަ އެހެން ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

މުޣުނީ ވިދާޅުވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން، ސްޓެލްކޯ ކުރިޔަށްދާ ބާރުމިނާ، އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެއެވެ. އަދި މާހައުލާއި، މުޖުތަމައަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާއި އެއްވަރަށް ހިދުމަތްދެވޭނެ ވެރިންތަކެއްވެސް ތައްޔާރު ކުރެވިގެން ދާނެއެވެ.

"މިއީ މިކުންފުނީގެ ލީޑަރޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑާސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރޭނިންތަކެއް ދެވި، ކުންފުނީގެ ވިޝަން އާއި، މިޝަން އާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ."
ހަސަން މުޣުނީ, ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު

ސްޓެލްކޯއިން ބުނީ، މިޑްލް މެނޭޖްމެންޓަށް އަމާޒުކޮށްގެން ހިންގި މި ތަމްރީނު ޕްރޮގްރާމަކީ މުޣުނީގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ސްޓެލްކޯގެ ތާރީހުގައިވެސް އެ ކުންފުނީގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ތަމްރީނު ޕްރޮގްރާމް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.