ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސުލޫކީ މިންގަނޑުތަކާ ހިލާފުނުވާ ގޮތުގެ މަތިން ކެމްޕޭންތައް ކުރިއަަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އީސީން މިފަދައިން އިލްތިމާސް ކޮށްފައި ވަނީ، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންވެސް އެންޓި ކެމްޕޭން ކުރަމުންދާ ކަމަށް، ޕީއެސްއެމުން ރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އީސީން ބުނީ، އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ކެމްޕޭން ހަރަކާތްތަކުގައި އެއް ކެންޑިޑޭޓެއް އަނެއް ކެންޑިޑޭޓުގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމަކީ މަނާ ކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި އިންތިހާބަށް ނުފޫޒު ފޯރާފާނެ ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށާއި، އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހަޅަން އީސީން އެދެއެވެ.

އަދި ކެމްޕޭން ހަރަކާތްތައް ހިންގާއިރު އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ނުކުރުމަށް އީސީން ވަނީ ޕާޓީތަކަށް ގޮވާލައިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 14 ގައި އަވަހާރަވުމުންނެވެ. އެއާއެކު ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް އީސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާއަށް ކުރިމަތިލާފައިވަނީ އެމްޑީޕީންނާއި، އިދިކޮޅު ކޯލިޝަނުގެ އިތުރުން އެމްއެންޕީންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާނެ ކަމަށް އީސީން ވަނީ އިއުލާނުކޮށްފައެވެ.