އަންނަ ރޯދަ މަހަށް ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ތަކެތި ގަންނަން ސައުދީން ދެ މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާ، ބޭނުންކުރަން ފެށުން ލަސްވަމުން ދާތީ އެކަމާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ހަމައެހެންމެ މިސްކިތަށް ބޭނުންވާ ފަރުނީޗަރުގެ އިތުރަށް މިސްކިތް ބަލަހައްޓަން ބޭނުންވާ އިކުއިޕްމެންޓު ނުލިބޭތީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގައި ވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް އެސިޓީގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަދި އަންނަ ރޯދަ މަސް ފެށުމުގެ ކުރިން އެ މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސައުދީއިން ރާއްޖެ ވަޑައިގެންނެވި ވަފުދަކުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ހިނގާ ހުރިހާ ހަރަދެއް އެ ގައުމުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް މިނިސްޓަރުގެ ސިޓީގައި ވެއެވެ.
މިސްކިތް ހުޅުވުމަށް 2 މިލިއަން އެމެރިކާ ޑޮލަރު ސައުދީން ދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ. އެކަމަކު، އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.