ފުރާނައަށް ނުރައްކާވެ އަމިއްލަ ވަޒަން ދޫކޮށް ބަންގްލަދޭޝްއަށް ދިރިއުޅުން ބަދަލުކޮށް، ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދިޔަ ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ކޭމްޕުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ގަތުލުއާންމު މަގުސަދު އޮތް ކަމަށް އދއިން ކަނޑައަޅާފައި ވާ ޖަރީމާތަކުން ސަލާމަތް ވުމަށް މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކުރި އެތައް ހާސް ބަޔަކު ދިރިއުޅެމުން ދަނީ، ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި އޮތް ރެފިއުޖީ ކޭމްޕު ނެޓްވޯކެއްގައެވެ.

ކޭމްޕުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ އޮތް އާމްޑް ޕޮލީސް ބެޓޭލިއަންގެ ތަރުޖަމާނު، ކަމްރާން ހުސައިން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި 1200 އެއްހާ ގެ، އަނދާފައި ވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ފެށުނީ ކޭމްޕް 16 އިން ކަމަށާ، އޮނާއި ސަތަރި ބޭނުން ކޮށްގެން ހަދާފައި ވާ ޖިފުޓިތަކަށް އަލިފާންގަނޑު ފެތުރިގެން ދިއުމާއެކު، 5000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރެފިއުޖީންނާ ހަވާލުވެ ހުންނަވާ މުޙައްމަދު ޝަމްސާދު ދޫޒާ ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް 2 ގަޑިއިރުގެ މަސައްކަތުން ކަމަށް ހަބަރު ލިބެއެވެ.

މާޗް 2021 ގައިވެސް ރެފިއުޖީ ކޭމްޕުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ފަހަރުގެ ހާދިސާގައި 50000 އެއްހާ މީހުންގެ ގެދޮރު ގެއްލުނުއިރު، 15 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން