އެޗްޑީސީއަށް ބިޑާއި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކަށް ހާއްސަ ސަބްމިޝަން ޕޯޓަލެއް މިއަދު އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިޑާއި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން މުހައްމަދި ޖައިޝް އިބްރާހީމެވެ.

މި ޕޯޓަލް ތައާރަފްކުރުމަށް ފަހު އެޗްޑީސީން ބުނީ، ބިޑް ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލެއް ގާއިމްކުރުމުގެ މަގްސަދަކީ، ބިޑާއި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމާއި، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ.

ހަމަ އެއާއެކު މި ޕޯޓަލްގެ ސަބަބުން، އާންމުންގެ ވަގުތުތައް ސަލާމަތްވެ، ފަސޭހަ ކަމާއެކު ބިޑާއި ޕްރޮޕޯސަލްތައް ހުށަހެޅޭނެ ކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ބިޑުތަކުގެ ސްޓޭޓަސް ބަލައި، ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކަކީ ގާބިލް ފަރާތްތަކެއްކަން ޔަގީންކުރެވިގެން ދާނެ ކަމަށާއި، ބިޑުތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި ޕޯޓަލް ބޭނުންކުރުމަށްޓަކައި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭ އިރު، ރަޖިސްޓްރީވުމަށްޓަކައި ހުރިހާ ލިޔެކިއުންތައް ހުށަހަޅަން ޖެހޭނެއެވެ. މި ޕޯޓަލުގެ ހިދުމަތް ލިބޭނީ އެޗްޑީސީގެ "މައިހުޅުމާލެ" ޕޯޓަލް މެދުވެރިކޮށެވެ.

އެޗްޑީސީން ބުނީ، މި ޕޯޓަލްގެ ސަބަބުން އާންމުންނަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެޗްޑީސީން މިއަދު އިފްތިތާހުކުރި ބިޑާއި ޕްރޮޕޯސަލްތައް ހުށަހަޅާ ޕޯޓަލަކީ މިކަމަށް ހާއްސަކޮށް ރާއްޖޭގައި ހުޅުވި ފުރަތަމަ އޮންލައިން ޕޯޓަލެވެ.