ވޭތުވެދިޔަ 5 ގަރުނު ތެރޭ ޗައިނާއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި ފޮރިން މިނިސްޓަރު ވެންގް ޔީ ރާއްޖެއަށް ކުރެއްވި ދަތުރުގައި ދެބޭފުޅުން އެއްކޮށް ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓްއެއްގެ ތެރެއިންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ޗައިނާއާ އޮންނަ ގުޅުމަށް އިހުތިރާމްކޮށް، އެ ގުޅުން ދެމެހެއްޓުމަށް ކަމަށް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހުރިހާ ދާއިރާއަކުން ވެސް އެއްބާރުލުން އިތުރުވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ވޭތުވެދިޔަ 5 ގަރުނު ތެރޭ ޗައިނާއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއްކަން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމާ މެދު ޝައްކެތް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝާހިދު ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ބުރިޖާއި ހިޔާ ފުލެޓުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ބޮޑުކުރުމަށް ޗައިނާއިން ދިން އެހީތެރިކަމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ހަމައެހެންމެ އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވެކްސިން އަދި ބޭނުންވާ އެކި ބާވަތުގެ އިކުއިޕްމެންޓު ޗައިނާއިން ފޯރުކޮށްދީފައިވާތީ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ރާއްޖެ އާއި ޗައިނާގެ ދެމެދުގައި ވަނީ ފަސް އެެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ފަސް އެއްބަސްވުމަކީ ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމަށާއި އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމާއި ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގެ އިތުރުން ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމަކާއި އަދި ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެވެ.