ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައި ވާ ދަރިފުޅު ގޮވައިގެން ޓެސްޓު ކުރާ މަރުކަޒަށް ދަތުރު ކުރުމަށްޓަކާ، ކާރުގެ ޑިކީގައި އެ ދަރިފުޅު ތަޅުލި މަންމައެއް، އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޓެކްސަސްގެ ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަންހެން މީހާ، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އޭނާގެ ފިރިހެން ދަރިފުޅު، ކާރު ޑިކީގައި ތަޅުލީ، އަމިއްލަ މީހާ ބަލިން ސަލާމަތް ވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އުމުރުން 41 އަހަރުގެ ސޭރާ ބީމް ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނީ، އުމުރުން 13 އަހަރުގެ ދަރިފުޅުގެ ފުރާނަ، ނުރައްކަލުގެ ތެރެއަށް ލުމުންނެވެ.

ކާރުގެ ޑިކީ ތެރޭގައި ދަރިފުޅު އޮތް ކަން އެނގުނީ، ޑްރައިވް ތުރޫ ޓެސްޓިންގް ފެސިލިޓީގައި ހުރި އޮފިޝަލަކަށް، ކާރު ޑިކީ ތެރެއިން އަޑެއް އިވޭހެން ހީވި ހިސާބުން، ސޭރާ ބީމް، އެ ޑިކީ ހުޅުވި ހިސާބުންނެވެ.

އަދި ކާރުގެ ފަހަތު ސީޓަށް ދަރިފުޅު ބަދަލު ނުކުރަނީސް، ޓެސްޓު ނުކޮށްދިނުމަށްވެސް ހެލްތު ވޯކަރު ނިންމި ކަމަށް މައުލޫމާތު ލިބެއެވެ.

ކާރު ޑިކީގައި ދަރިފުޅު ތަޅުލީ، ބަލިން ދިފާއުވާން ކަމަށާ، އެމީހުން ދަތުރު ކުރަމުން ދިޔައީ ފުރަތަމަ ލިބުނު ނަތީޖާ ކަށަވަރު ކުރުމަށްޓަކާ، ޓެސްޓު ކުރާ އެހެން މަރުކަޒަކަށް ދިއުމަށް ކަމަށެވެ.

މި ހާދިސާގައި 13 އަހަރުގެ ކުއްޖާއަށް އެއްވެސް ވަރެއްގެ ގެއްލުމެއް އަދި އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.