ޕާކިސްތާނުގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، އެއްގަމު އުޅަނދުތަކުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 21 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ފަރުބަދަމަތީ އަވަށެއް ކަމަށްވާ މޫރީއަށް، ފިނިމޫސުމުގެ ސްނޯ ފައިބާ މަންޒަރު ބެލުމަށް، ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުން ދިޔަ 1000 އެއްހާ އުޅަނދު ވަނީ، ސްނޯ ބޯ ވުމުގެ ސަބަބުން، މަގުތަކުގައި ތާށިވެފައެވެ.

ޕާކިސްތާނުގެ ލޯކަލް އެމާޖެންސީ ސާވިސަސްއިން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ފުލަހަކާ، އޭނާގެ އަންހެނުންނާއި 6 ދަރިންގެ އިތުރުން، 5 މެންބަރުންގެ އިތުރު އާއިލާއެއްވެސް ހިމެނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ދަނީ، އުޅަނދުތައް ތާށިވެފައި ވާ މަގުތައް ސާފުކޮށް، އުޅަނދުތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ދާހިލީ ވަޒީރު ޝައިހް ރާޝިދު ވިދާޅުވީ، ހާދިސާ ހިނގާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް ދަތުރު ކުރަމުން ދިއުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން 100000 އަށް ވުރެ ގިނަ ކާރު، އެ ސަރަހައްދަށް ދަތުރު ކުރި ކަމަށް ހަބަރު ލިބެއެވެ. ސްނޯގެ ތެރޭގައި އާންމުން އުފާފާޅު ކުރަމުން ދާ މަންޒަރު ފެންނަ ފޮޓޯތައް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް އިންތިހާއަށް ވަނީ ދައުރުވެފައެވެ.

ހުކުރު ދުވަހުން ފަށައިގެން އުޅަނދުތައް ތާށިވާން ފެށިއިރު، ހޮނިހިރު ދުވަހު ބޯކޮށް ސްނޯ ފައިބަން ފެށުމާއެކު ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދަކީ ކާރިސީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ސްނޯ ބޯވުމުގެ ސަބަބުން އެއްގަމު އުޅަނދުތަކުގައި މީހުން ތާށިވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނޭ ކަމަށް އެމާޖެންސީ ސާވިސަސްއިން ހަބަރު ދެއެވެ. ކާރު ތެރޭގައި ކަނޑުވެގެން މަރުވި 6 މީހަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެން މީހުން މަރުވެފައި ވަނީ ވިހަ ދުމުގެ އަސަރު ކޮށްގެން ކަމުގައި ބެލެވޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި ކަމަށާ، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ގޮވާލައްވާފައެވެ.