އެއްވުންތައް ރޫޅާލަނީ ގާނޫނާއި ގަވާއިދުގައި އޮންނަ ގޮތަށް ކަމަށާއި ޝަކުވާއެއް އޮތަނަމަ ނެޝަނަލް އިންޓެގްރޭޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި ވަނީ ޗެނަލް 13ގެ ނޫސްވެރިއަކަށް އައިޖީއެމްއެޗް ތެރޭގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ޗެނަލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް ހާއްސަ ގާނޫނަކާގު ޅޭ ކަމެއްނަމަ، އެ ގާނޫނަކާ އެއްގޮތަށް ކަމަށެވެ. އަދި މުޒާހަރާތަކާއި އެނޫންވެސް ހާލަތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރި ވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެން ޖެހިއްޖެނަމަ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ އިސްކަން ދޭ ކަމެއް ކަމަށާއި އަދި ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ފުލުހުން ބުނީ މާލޭގައި ސިޔާސީ ޕާޓީއަކުން (ޕީޕީއެމް) އިން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތަކެއް ބާއްވަމުން ގެންދާ ކަމަށާއި އެއްވުންތަކުގައި، އާންމު ދަތުރުފަތުރަށް ދަތިކޮށް، މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ ބަސް މާލޭ މަގުމަތިން ހުއްޓުވާ ކަމަށެވެ. އަދި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވާލަމުން ދާކަން ފާހަގަކޮށް އެފަދަ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާ ކަމަށާއި އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސްއެޅުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

ޗެނަލް 13 ގެ ނޫސްވެރިޔާއަށް ފުލުހުން އަނިޔާކުރުމުން ވެއްޓިފައި ކަމަށް ބުނެ އެ ޗެނަލުން އެކަން ވަނީ ކުށްވރިކޮށްފައި / ފޮޓޯ: ސޯޝަލްމީޑިއާ

ފުލުހުން ބުނީ މީހަކު ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ކަމެއްގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ނެޝަނަލް އިންޓެގްރޭޓީ ކޮމިޝަން ނުވަތަ ކަމާ ގުޅޭ މުއައްސަސާއަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ނޫސްވެރިޔާ އަށް އަނިޔާ ކުރީ ހޮސްޕިޓަލްގައި އެއްވެ ތިބި މީހުންނަށް ފުލުހުން އަނިޔާކުރަން ފެށުމުން އެ މަންޒަރު ވީޑިއޯ ކުރަން އުޅުމުން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި އޭނާއާ މެދު ފުލުހުން އަމަލުކުރީ މުޒާހަރާގެ ބައިވެރިންނާ މެދު އަމަލުކުރާ އުސޫލުން ކަމަށް ވެސް އެޗެނަލުން ވަނީ ބުނެފައެވެ.