މަތި އުތުރު ރަށަކުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މަތި އުތުރު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) އަތޮޅުގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ފެންމަތިވެފައި ވާއިރު، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލާފައެވެ.

އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.