އިސްލާމް ދީނާއި، ދިވެހި ބަހާއި ސަގާފަތް ދިރުވާ އަލާކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭ ކަމަށާއި އަންނަ އޮތް ޖީލަށް މިކަންކަން ފޯރުކޮށްދެވޭނީ ފަރުދީ ޒިންމާ އަދާ ކޮށްގެން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ 43 ވަނަ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބެއްގައެވެ. އިމްރާން ވިދާޅުވީ ހުރަވީ ދުވަސް ފަދަ ގައުމީ ދުވަސްތައް ފާހަގަކުރެވިގެން ދާއިރު ހުރިހާ ގައުމީ އަބުތޯލުންގެ ޒިކުރާތައް އާކޮށް އެބޭފުޅުން ގައުމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ ހަނދާން ކުރަން ޖެހޭ ކަމަށެވެ.
އަދި ގައުމީ ދުވަސްތައް އާކުރެވިގެން ދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ ނުވަތަ ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށްޓަކައި ތިމާއަށް ކޮށްދެވޭ ކަންކަން ކުރުމަކީ ކޮންމެ މުއާތަރެއްގެ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ގައުމީ ބަހާތައް ދިރުވާ އާލާކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމާއި ނުލައި އަންނަން އޮތް ޖީލުތަކާއި ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގުލާލާއެކު ފޯރުކޮށް ދިނުމަކީ ނުވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިއަދު އެންމެންވެސް އަޒުމު ކަނޑައަޅަންވީ ގައުމިއްޔަތު އަންނަން އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދޭން، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާ އެކު ދިވެހި ގައުމިއްޔަތުގެ މިނިވަން ކަމާއި އިސްތިގުލާލު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ގޮތުން ކޮންމެ ޖުމާދިލްއާހިރާ މަހުގެ ތިންވަނަ ދުވަހެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރެވެ. ހުރަވީ ދުވަހުގެ ގޮތުގައި އެ ދުވަސް ފާހަގަކުރަނީ ހޮޅިންގެ އަޅުވެތިކަމުގައި ރާއްޖެ އޮއްވާ ހިޖްރައިން 1166 ވަނަ އަހަރު ދޮން ބަންޑާރައިން އިސްވެ ހުންނަވައިގެން ހަނގުރާމަކޮށް، ރާއްޖެއަށް މިނިވަންކޮށް ދެއްވި ދުވަހަށެވެ.