ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ގެ ރަސްމީ ދަތުރާ ވިދިގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ ހަރަކާތްތަކަށް، މާލޭގެ ބައެއް މަގުތައް ބަންދުކޮށް، ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

އެގޮތުން، ގެނައި ބަދަލާ އެކު އެ ދުވަހު މެންދުރު 12 އިން ފެށިގެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުން ފެށިގެން އެންމެ އިރަށް (ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތާ ހަމައަށް) ބޮޑުތަކުރުފާނު މަގާއި އަމީރު އަހުމަދު މަގު އާންމު ޓްރެފިކަށް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ހިންގާ މުހިންމު އިމާރާތްތައް ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިން ހުންނަ ސަރަހައްދުގެ ޕާކިން ޒޯނާއި، ފާލަންތައް ކައިރީގައި ވެހިކަލްތައް ޕާކްކުރުން މަނާ ކުރެވި ހުސްކުރަން ހަމަޖެހިފައިވާތީ، މާދަމާރޭ 8 ގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ޖެހޭނެއެވެ.

ހަމަ އެއާއެކު، އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ހަމަޖެހިފައިވާތީ، އެ ފަޅު ބޭނުންކުރާ އުޅަނދު ފަހަރު ހޮނިހިރު ދުވަހު ހެނދުނު 6 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުުރަންވެސް ޖެހޭނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން ޓްރެފިކަށް ގެނައި ބަދަލުތައް / ފޮޓޯ: ޕޮލިސް

މާދަމާ ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ، އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޑިޕްލޮމަޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.