ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އޮޕަރޭޓްކުރަމުން އަންނަ ތެޔޮ ބާޖެއް އަނެއްކާވެސް ފަރަށް އަރައިފިއެވެ،

އެމްއެންޑީއެފުން ބުނީ، 24 މީޓަރުގެ ދިގު އެ ބާޖު ކ. ރަންނާޅި ރިސޯޓު ކައިރީގައި އޮތް ފަރަށް އެރީ ރޭގެ ވަގުތެއްގައި ކަަމަށެވެ. އުޅަނދު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ނުވަތަ އުޅަނދުން ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފާ ނުވާ ކަމަށެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެފްއެސްއެމްގެ ތެޔޮ ބާޖެއް ވަނީ ކާށިދޫ ހުޅަނގު ފަރާތަށް ފަރަށް އަރާފައެވެ. އެ ފަހަރު ފަރަށް އެރީ އެފްއެސްއެމްގެ "މާތޮޅި" ނަމަކަށް ކިޔާ 100 ފޫޓު ހުންނަ ތެޔޮ ބާޖެކެވެ.