ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލައިގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ވެއްޖެއެވެ.

މި ޝަރީއަތުގައި އަޑުއެހުމެއް ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 10 ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ. މި ޝަރީއަތް ކެންސަލްކުރި ސަބަބު އަދި ސާފެއް ނުވެއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މީގެ ކުރިން މިދިޔަ މަހު 20 ވަނަ ދުވަހު ވެސް މި މައްސަލާގައި ތާވަލު ކުރި އަޑުއެހުން ކެންސަލް ވެފައިވެއެވެ. ނަމަވެސް އެ ޝަރީއަތް ކެންސަލްކޮށްފައިވަނީ މުއިއްޒުގެ ވަކީލުންގެ ޓީމުގައި ތިއްބަވާ ބައެއް ވަކީލުން ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވެސް ވަކާލާތު ކުރައްވާތީއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށެވެ.

ވަކީލަކު ހަމަޖައްސަން ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތެއް ދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.

ދެ ކަމެއްގައި މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ޕީޖީން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ ހުރެ ހައުސިންގް ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަަމަށް ވިދާޅުވެ މުއިއްޒު ދެއްވާފައިވާ ދޮގު ބަޔާނުގެ މައްސަލައަކީ އެއް ކަމެއް ކަމަށް ޕީޖީން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ނޫމަޑިއަށް ލަގްޒަރީ ވިލާއެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ދެއްވާ ފައިވަނީ ދޮގު ބާޔަން ކަމަށް ޕީޖީން ބުނެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް މުއިއްޒުގެ މައްޗަށް ވަނީ ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ކޮށްފައެވެ.